ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ދިވެހިރާއްޖޭ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށްއައިއިރު 680 މިލިޔަން އެމެރިކާ ޑޮލަރާއި ހަމައަށް އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަންވަނީ ލިބިފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، އެސްއީޒެޑަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތު މިހާތަނަށް ކަށަވަރުވެއްޖެކަމަށާއި، މިއީ ތާރީޚީ ކުރިއެރުންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަމާޒަކީ ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީގެ އެޖެންޑާގެ ދަށުން އެސްއީޒެޑްގައި 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުންކަމަށާއި ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާ، އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި މުހިއްމު ސިޔާސަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިހާރުވެސް މިސަރަޙައްދުގައި އިޔާދަކުރަނިވި ޙަކަތައިގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާކަމަށެވެ.
މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމާއި، އަދި މިނޫންވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުރިކަމަށް ވިދާޅުވެ ވަޒީރު ވަނީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާޙައުލެއް އޮތްކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަމައެއާއެކު ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ގުޅުން ބަދަހިވެފައިވަނީ އެއްޤައުމުން އަނެއް ޤައުމަށްކުރި އިޙްތިރާމުގެ ތެރެއިންކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން މިއަދުމިދެކޭ ހިސާބަށް ގެނައުމުގައި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއި ސިންގަރޕޯ އެއަރލައިންސްގެ ދައުރު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުން ދައްކުވައިދެނީ ކުދި ޤައުމުތަކަށްވެސް އިޤްތިޞާދީގޮތުން ބޮޑެތި ކާމިޔާބީތަކެއް ބަދަހިގުޅުމާއެކު ޙާސިލުކުރެވިދާނެކަމުގެ މިސާލުކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް