ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލްގައި ޕަސިންޖަރުންނަށް ހިދުމަތް ދޭ 300 މުވައްޒަފުންނަށް ޚާއްސަ ތަމްރީނުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.
އެމްއޭސީއެލްއިން ބުނީ ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ވީއައިއޭގެ އައު ޓާމިނަލް ހުޅުވާއިރު ހިދުމަތްދޭ މުވައްޒަފުންނަކީ އެތަނުން ހިދުމަތް ހޯދާ ޕަސިންޖަރުންނަށް ހިނިތުންވުމާއި، އޯގާތެރިކަމާއި، ދިވެހީންގެ މެހެމާންދާރީއާއެކު މުޢާމަލާތްކޮށް ހިދުމަތް ދޭނެ ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ތަމްރީނުތަކެއްކަމަށާއި، އެގޮތުން މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންކަމަށެވެ.
ފުރަތަމަ ބެޗު ކުރިއަށްދާނީ 9 ޖުލައި 2025ގެ ނިޔަލަށް ކަމަށާއި މި ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި އައު ޓާމިނަލުގައި ހިދުމަތް ދިނުމަށް އަލަށް ނެގި މުވައްޒަފުންނާއި މިހާރުގެ ޓާމިނަލުގައި ހިދުމަތް ދެމުން އަންނަ މުވައްޒަފުން ހިމެނެއެވެ.
In preparation for the operation of the New Passenger Terminal, we have started a series of customer service training sessions for our Passenger Services and Terminal Services teams, today. A total of five batches will participate in these programs, which aim to strengthen key… pic.twitter.com/fLzOuLOKqt
— Maldives Airports Company Ltd (@MACLmedia) June 29, 2025
މި ތަމްރީނުތަކުގައި ކިޔަވައިދެނީ ކަސްޓަމާ ސާވިސް ޓްރެއިނިން ދިނުމުގައި ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ކޯޗް މަސްޢޫދު ޢަލީއެވެ.
މި ތަމްރީނުތަކާ ގުޅޭ ގޮތުން ޕަސިންޖަރ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާޤު ވިދާޅުވީ އެއާޕޯޓުން ޚިދުމަތް ހޯދާ ޕަސިންޖަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް ކަމަށެވެ. އެގޮތުން އައު ޓާމިނަލެއް ހުޅުވާއިރު، އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އެތަނުގެ މުވައްޒަފުންނަކީ ޕަސިންޖަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުޅަދާނަ އަދި ގާބިލް މުވައްޒަފުންނަށް ހެދުމަށް އެމް.އޭ.ސީ.އެލުން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނެފައިވެއެވެ.
އެމް.އޭ.ސީ.އެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓަރމިނަލެއް ހުޅުވާއިރު އެތަނުން ދެވޭ ޚިދުމަތަކީވެސް މަތީ ފަންތީގެ ޚިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން މި ކަސްޓަމާ ސާވިސް ޓްރައިނިން ޕްރޮގްރާމަކީ އެމް.އޭ.ސީ.އެލްގެ ކޮންމެ މުވައްޒަފަކީ ޚިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހެމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމުގައި މިސްބާޙް ވިދާޅުވިއެވެ.
މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށާއި ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާއިރު އެކިދާއިރާތަކުން މުއައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ކުރަމުންދާ ކަމަށް އެއާޕޯޓް ކުންފުނިން ބުނެފައިވެއެވެ.




