ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާނަމަ، މީގެ ފަހުން 30 އިންސައްތައާ ހަމައަށް ފީއެއް ނަގަން ނިންމައިފިކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ، އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމި ނިންމުމާއެކުއެވެ.
ބޭންކުން ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މިހާރު ޑެބިޓް ކާޑުތަކުން "ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް" ބަދަލުތަކެއް ވެސް ގެނެސްފައި ވާނެ ކަމަށާއި ރާއްޖޭން ބޭރަށް ދަތުރުނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާ އެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ވަނީ ހަދައިފަ އެވެ. އަދި ބޭރުގެ އޭޓީއެމުން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖުކުރާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
"ޑެބިޓް ކާޑުތަކުން ރާއްޖެއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމެވެ. އެހެންކަމުން، މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު، 30 ޕަސެންޓް އާ ހަމައަށް ފީއެއް ނެގޭނެއެެވެ" ބީއެމްއެލްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިގޮތަށް ފީ ނެގިޔަސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން އިތުރު ފީއެއް ނުނަގާނެ އެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތަށް ވެސް ފީއެއް ނުނަގާނެކަމަށާއި ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދޭން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް