ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީ 2025ގައި ދިވެހިރާއްޖެއިން ޝަރަފްވެރި 2 އެވޯޑެއް ހާސިލުކޮށްފިއެވެ.
އެގޮތުން، ރާއްޖެއަށް ލިބިފައިވަނީ ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީ އިން ލީޑިން ޑެސްޓިނޭޝަން އެވޯޑާއި ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑެވެ.
މިއީ ލީޑިން ޑެސްޓިނޭޝަން އެވޯޑު ވިދި ވިދިގެން ރާއްޖެ އަށް ލިބޭ ހަ ވަނަ ފަހަރެވެ. އަދި ގްރީން ޑެސްޓިނޭޝަން އެވޯޑު ލިބޭ ދެ ވަނަ އަހަރެވެ. ޓެންޒޭނިއާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައި ރާއްޖެއަށް ލިބުނު ދެ އެވޯޑާ ހަވާލުވީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމެވެ.
މި އެވޯޑްތައް ލިބުމާއި ގުޅިގެން ޝިއުރީ ވިދާޅުވީ މި އެވޯޑްތަކުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް