ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް ކުރަމުން ގެންދާ މަސައްކަތާއި ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އަންނަ މަހުގެ 26 ވަނަ ދުވަހު އައު ޓަރމިނަލް ހުޅުވަން ހަމަޖައްސާފައިވާއިރު، މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލުން ވިދާޅުވީ އަންނަ މަހު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އެހެންކަމުން އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށާއި އެކަމަށް ސަމާލުވެ، ސެކިއުރިޓީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި އެއަރޕޯޓަށް ވަދެވޭ ބައެއް މަގުތައް ބަންދުކޮށްފައިވާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި ވެހިކަލްތައް މިހާރު ހުރި ޓަރމިނަލަށް ދިއުމުގައި ބޭނުންކުރަންޖެހޭ ރޫޓަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އަދި އެ ބަދަލުތައް އެނގޭނެހެން މަގުމަތީ ނިޝާންތައް ހަރުކޮށްފައިވާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް