މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 148 ކުދިންކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 148 ކުދިންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 82 ފިރިހެންކުދިންނާއި 66 އަންހެން ކުދިންކަމަށެވެ.
އަދި މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް 03 ކުދިން ނެގިފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާއިރު އެގޮތުން، މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވަނީ 03 އަންހެން ކުދިންނެވެ. މި މުއްދަތުގެ ތެރޭގައި ފޯސްޓަރިންގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 1 ކުއްޖަކު މި އަހަރު އެޕްރީލްމަހު ފޯސްޓަރ އައިލާއަކާއި ވަނީ ހަވާލުކުރެވިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 1 ކުއްޖަކު ވަނީ އަނބުރާ އާއިލާއާއި ރީއިންޓެގްރޭޓް ކުރެވިފައެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ މެއި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ޖުމްލަ 33 މައްސަލަ ހުށަހެޅިފައިވާކަމަށާއި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލައްކަމަށް މިނިސްޓްރީގެ ހިސާބުތަކުން ފާހަގަވެއެވެ. އެގޮތުން މި ބާވަތުގެ 17 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ.
ހަމައެހެންމެ، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއް ވެސް ހިމެނެއެވެ. އަދި، ޖިންސީ ހާނިކަކުރުމުގެ 01 މައްސަލައާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 01 މައްސަލައާއި، މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 01 މައްސަލައިގެ އިތުރުން، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއި ގުޅޭ 01 މައްސަލަ ވަނީ މިއަހަރު މެއި މަހު މިނިސްޓްރީ އަށް ރިޕޯޓުކޮށްފައިވެއެވެ.
އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 06 މައްސަލައެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް