ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ސަލާމަތާއި، މިފަދަ މަސައްކަތްތަކުން އުފެދިދާނެ ނުރައްކާތަކުން ރައްޔިތުންނާއި، މުދާ ހިމާޔަތްކުރުމަށްޓަކައި، "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް 5 ވަނަ އިޞްލާޙެއް ގެނެސްފިއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
މި އިޞްލާޙުގެ ދަށުން، ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކުރުމާއި، ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގައި އިންޝުއަރަންސްގެ ލިޔެކިޔުންތައް ހުށަހެޅުން ލާޒިމުކޮށްފައިވެއެވެ. މި ބަދަލުތަކަކީ، ޢިމާރާތްކުރުމުގެ ސިނާޢަތުގައި ހިނގާ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކަށް ބަދަލު ދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ގެނެވުނު މުހިންމު އިޞްލާޙުތަކުގެ ސަބަބުން، ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާޙައުލާއި، މަސައްކަތު މީހުންނާއި، ޢިމާރާތްތަކާއި، ބިނާތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި، ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދުން މިހާރު ވަނީ މަޖުބޫރީކަމަކަށް ވެފައެވެ.
މިއީ ޢިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އެޅުނު ފިޔަވަޅެކެވެ.
މީގެ އިތުރުން، ޢިމާރާތްކުރުމުގެ ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގެ އުޞޫލަށް ގެނެވުނު ބަދަލަކީ، މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންޝުއަރަންސް ކުރިކަމުގެ ލިޔުން، ޕްރޮޖެކްޓް ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނުމެވެ. މީގެ ސަބަބުން، އިންޝުއަރަންސް ނެގުމުގެ ޤަވާއިދު ހަރުދަނާވެ، ކޮންމެ ޢިމާރާތްކުރުމުގެ މަސައްކަތެއްވެސް ހުއްދަ ލިބުމުގެ ކުރިން އިންޝުއަރ ކޮށްފައިވާކަން ކަށަވަރުކުރެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް