ށ. ގޮއިދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.
ޕަބްލިކް ސެކިއުރިޓީ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރާ މި މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެ ރަށަށް ގެންދިޔުމަށްޓަކައި ދޯންޏަށް ލޯޑްކޮށްފައެވެ.
ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ގޮއިދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.
ފެނަކައިން ކުރިން ވިދާޅުވެފައިވަނީ މި މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށާއި މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންދިޔުމަށް މިހާރު ދޯންޏަށް ލޯޑްކޮށްފައިވާ ކަމަށެވެ. މީގެކުރިން ވެސް ފެނަކައިން ވަނީ ގޮއިދޫގައި އާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ގޮއިދޫގައި މިހާރު ހުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ނަމަވެސް، ރަށުގެ އާބާދީއަށް ބަލައި، އަދި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސޭހަތަކާއެކު ޚިދުމަތް ދިނުމަށްޓަކައި، މިހާރުގެ ޕޮލިސް ޕޯސްޓު ފެންވަރު ރަނގަޅު، ޖާގައިގެ ގޮތުން ބޮޑު ސްޓޭޝަނަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް