މިއަދު ބޭއްވުނު ދެވަނަ ފިއުޗަރ ސަމިޓް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ޝަރަފުވެރިކޮއްދެއްވައިފިއެވެ.
މި ސަމިޓް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިއަށް އޮތްތަނުގައި ހިންގާނެ މަސައްކަތްތައް ރޭވުމާއި މަޝްވަރާކުރުންކަމަށްވާއިރު، ސަމިޓް ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްވި ޚާއްސަ ތަޤްރީރުގައި މިނިސްޓަރ ޠާރިޤް އިބްރާހިމް ވަނީ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި މަޝްވަރާތައް އިތުރުކުރުމަށާއި، ދާއިރާގެ އެކި ފަރާތްތަކާ ގާތް ގުޅުމެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.
އަދި އެމަނިކުފާނު ވަނީ ދިވެހި އިޤްތިޞާދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއާއި، މިހުރިހާ ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށް މަގުފަހިކުރާނެ ކަންތައްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން ދިވެހި ހޮސްޕިޓާލިޓީ ދާއިރާގެ މަސައްކަތްތެރިންނަށް ބާރުވެރިކަން ދިނުމާއި، ދިވެހި ސަގާފީ ތަޖުރިބާތައް އިތުރުކުރުމާއި، އަދި ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ގެނައުމަށްޓަކައި މައުލޫމާތުތަކަށް ބިނާކޮށް (ޑާޓާ-ޑްރިވަން) ސްޓްރެޓެޖީތައް ބޭނުންކުރުމާ ގުޅޭގޮތުންވެސް މިނިސްޓަރު ވާހަކަފުޅުދެއްކެވިއެވެ. މި ނުކުތާތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންތައްތަކެއްކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް