ޅ. މަޑިވަރު އެއަރޕޯޓް ކައިރީގައި ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގެ މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ޅަވިޔަނި އަތޮޅު މަޑިވަރު އެއާޕޯޓާ ދިމާލުން ކަނޑުމަތީގައި ލޯންޗަކާއި ޑިންގީއެއްޖެހި އެކްސިޑެންޓެއް ހިނގި ކަމަށް މރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގެ ހަބަރު ފުލުހުންނަށް ލިބިފައިވަނީ ރޭ 08:26 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައެވެ. އަނިޔާވި މީހުންނަށް މިހާރު ދަނީ ޅަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަނިޔާވި މީހުންގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އެ ޑިންގީ އަޑިޔަށް ދިޔައީ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް