ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހެން ވިދާޅުވީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ ނަވީން ވަނީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރެއްވި ހުރިހާ ބައިވެރިންނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ހާއްސަކޮށް މި ކޯހުން އެއްވަނަ ހާސިލުކުރެއްވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ.
ސީޕީ ނަވީން ވިދާޅުވި ގޮތުގައި އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއާގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.
ފުލުހުންގެ ހިދުމަތުގައި ކުރިއަށް ދިއުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ކޯހެއް ކަމުގައިސީޕީ ނަވީން ފާހަގަކުރެއްވިއެވެ. މި ކޯހުގެ ތެރެއިން، ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަންޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކޮށް މެނޭޖުކުރުމަށް ދަސްކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
"މި ޚިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ލޯހުޅުވި، ހިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް،" ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
އިންސްޕެކްޓަރ ކޯހުގެ މައިގަނޑު އަސާސަކީ މި ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް އިންސްޕެކްޓަރު ރޭންކުގެ ޒިންމާ އަދާކުރެވޭ މިންގަނޑަށް ހުނަރާއި އިލްމު ލައިދިނުން ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ. ކޯސް ފުރިހަމަކޮށް މަސައްކަތަށް އެނބުރި ދާއިރު، ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ހާއްސަކޮށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފާހަގަކުރެއްވީ، ފުލުހުންގެ އެހީތެރިކަން ބޭނުންވެގެން ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު، ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމެވެ.
"ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން. އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން،" ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
އަދި ދިވެހި މުޖުތަމައަކީ ހުޅުވިފައިވާ މުޖުތަމައަކަށް ވުމާއެކު، އިންސްޕެކްޓަރ ކޯސް ފުރިހަމަކުރި ކަމުގައި ވިޔަސް، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ލެވެލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، ޑިސިޕްލިން ފުލުހަކަށް ވާން މަސައްކަތް ކުރެއްވުމަށް ސީޕީ ނަވީން އިރުޝާދު ދެއްވިއެވެ.
ނަޒާހަތްތެރި، ޒިންމާދާރު، އަދި ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ގޮވައިގެން މަގުދައްކާ ފުލުހަކަށް ވާން މަސައްކަތްކުރުމަށް ވެސް އެދިވަޑައިގަތެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވާހަކަފުޅު ނިންމަވާލެއްވީ މި ކޯސް ފުރިހަމަކުރެއްވި އެންމެހައި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަލާހާއި ކާމިޔާބު އަބަދުވެސް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް