ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް ފަޔާ ސާވިސް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:41 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައިވާ ގޮތުން ކޮޓަރީގައި ހުރި ބަންކް ބެޑުގައި ރޯވެ އެއްކޮށް އޮތީ އަނދައިފަ އެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ވެސް އެއްކޮށް އަނދައިގެން ގޮސް އޮތީ ބިންމަތީގަ އެވެ.
އަލިފާން ރޯވީ ގޮދަޑީގައި ކަމަށް ބުންޏަސް އަލިފާން ރޯވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް