ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ލޯންޗުކޮށްފިއެވެ.
މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ.
ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެއެވެ.
މިއީ އެޕްގެ ފުރަތަމަ ވާރޝަންއެވެ. މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. އަދި އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެއެވެ.
މި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެއެވެ. މި އެޕްގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ. މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް