ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިނާޔަތުގެ ގޮތުގައި މިދިޔަ މެއި މަހު 50.7 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކުރި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދީފައިވާ މާލީ އެހީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މެއި މަހު 14،144 މީހަކަށް 50.7 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ޖުމްލަ 14،308 މީހުން ހިމެނެއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ 4700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 156 މީހަކު ދަފްތަރުކޮށްފައިވާ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯުރުކޮށްދެވިފައިވާ މާލީ އެހީ
މޭ 2025 pic.twitter.com/2Mw1eWNQnA— NSPA (@NSPAmaldives) June 22, 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011 ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު، 2023 ވަނަ އަހަރު ވަނީ މި އެލަވަންސް 3,000 ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި ސަރުކާރުން މިހާރު ދަނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލައި، އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ. މި ދަފްތަރުގެ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައެއް ކަންބޮޑުވުންތައް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މޭ މައްސަލަތަކާއި، ތަޢުލީމީ ފުރުސަތުތައް މަދުވުން ހިމެނެއެވެ. މި ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުން އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް