ނަތީޖާ ރަނގަޅުކުރަން މި އަހަރު ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރޭ ބޭއްވި އޯ ލެވެލް ގަދަ 10 ގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ތައުލީމީ ދާއިރާގައި އެންމެ އިސްކަމެއް ދެނީ ދާއިރާގެ ހިންގުން ހަރުދަނާކުރަން ކަމަށާއި އަދި އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން ވީހާ ވެސް ޒަމާނީ ކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަދި އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާ ކަމަށާއި ޕޭކޮމިޝަނުގެ ތެރެއިން އެކުލަވާލި އާ މެޓްރިކްސްއާ އެއްގޮތަށް ސުޕްރިންޓެންޑެންޓްގެ މަސައްކަތް މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އެގޮތުން މި އަހަރު ތައުލީމީ ދާއިރާއަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި؛
- ވުޒާރާގެ ހިންގުން ހަރުދަނާ ކުރުން
- ކުއްޖެއްގެ ނިސްބަތުން ކުރެވޭ ހޭދަ މަތިކޮށް ވަސީލަތްތައް ގާއިމް ކުރުން
- ޓީޗަރުން ތަމްރީނުކޮށް ފެންވަރު މަތިކުރުން
- ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން
- އުނގެނުމުގެ ފަހި މާހައުލެއް ގާއިމް ކުރުން
- ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ތައުލީމީ ސިޔާސަތު ކަނޑައެޅުން
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށްގެން ނޫނީ މޮޅު ނަތީޖާއެއް ނުހޯދޭނެކަމަށާއި އެ ސަބަބަށްޓަކައި 2024 ވަނަ އަހަރަށް ވުރެ 2025 ވަނަ އަހަރުގެ ތަޢުލީމީ ވުޒާރާގެ ބަޖެޓް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެކި ޕްރޮގްރާމްތައް ހިންގުމަށް މިއަހަރުގެ ބަޖެޓަށް 300 މިލިޔަނެއްހާ ރުފިޔާ އިތުރުކުރިކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުވެސް ތަޢުލީމީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅުއްވާނެކަމަށް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް