މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް، ޕްރިޒަން ކަލަބްއިން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯނަމަންޓް 2025” ރޭ ފަށައިފިއެވެ.
“ޕީއާރްސީ ސީޕީ ފުޓްސަލް ޓޯނަމަންޓް 2025” ފެށުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، މި ޓޯނަމަންޓް އިފްތިތާޙުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފުއެވެ.
އަދި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަން އޮފިސަރުން ބައިވެރިވެއެވެ.

2025 ޖުލައި 04 އާ ހަމައަށް ކުރިއަށްދާ “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯނަމަންޓް 2025” ފިރިހެން އަދި އަންހެން ޑިވިޜަނަށް ބަހާލެވިފައިވާއިރު، މި ޓޯނަމަންޓް ކުރިއަށް ދާނީ ލީގު އުޞޫލުންނެވެ. އެގޮތުން ފިރިހެން ޑިވިޜަންގައި އެންމެ ޕޮއިންޓް ގިނަ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކޮށް، ސެމީއިން މޮޅުވާ ދެ ޓީމް ފައިނަލްގައި ވާދަކުރާނެއެވެ. އަދި އަންހެން ޑިވިޜަންގައި އެންމެ ޕޮއިންޓް ގިނަ ޓީމް ސީދާ ފައިނަލްއަށް ގޮސް، ދެވަނަ އަށާއި ތިންވަނަ އަށް އެންމެ ޕޮއިންޓް ގިނަ ދެ ޓީމް ސެމީ ކުޅެ، މޮޅުވާ ޓީމް އެންމެ ޕޮއިންޓް ގިނަ ޓީމްއާ ވާދަކުރާ ގޮތަށެވެ.

މި ޓޯނަމަންޓްގެ ފިރިހެން ޑިވިޜަންގައި ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލޭ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އީއެސްޖީ ހިމެނޭއިރު، އަންހެން ޑިވިޜަންގައި ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އައިކޯސްޓް ހިމެނެއެވެ.
ރޭ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ ޓީމް މާފުށީ ޕްރިޒަން އާއި ޓީމް އީއެސްޖީއެވެ. ފޯރިގަދަ ކުޅުމަކަށްފަހު މެޗް ކާމިޔާބު ކޮށްފައިވަނީ ޓީމް މާފުށީ ޕްރިޒަންއިން 2-1 ންނެވެ. ޓީމް މާފުށީ ޕްރިޒަންގެ ދެ ލަނޑު ޖަހާފައިވަނީ ޢަލީ ނާއިފްއާއި ޢަބްދުﷲ ޝާކިރުއެވެ. އަދި ޓީމް އީއެސްޖީ ލަނޑު ޖަހާފައިވަނީ މުޙައްމަދު ޢަލީ ރަޝީދުއެވެ. މި މެޗްގެ “މޭން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ ޓީމް މާފުށީ ޕްރިޒަންގެ ޢަބްދުﷲ ޝާކިރުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް