މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން މަޤާމަށް އައު މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަންގައި މީޑިއާތައް ތަމްސީލް ކުރާ ދެ މެންބަރަކާއި، އާންމުންގެ ފަރާތުން އެއް މެންބަރަކު ވަނީ އިންތިޚާބުކޮށްފައެވެ.
މިގޮތުން މީޑިއާ ތަމްސީލްކުރާ މެންބަރުންގެ ގޮތުގައި އިންތިޚާބުވީ "ދައުރު" ނޫހުގެ ނޫސްވެރިޔާ، މުޙައްމަދު މުޒައްޔިނު ނާޒިމާއި "އަދަދު" ނޫހުގެ ލީވާން ޢަލީ ނަސީރެވެ. މީގެ އިތުރުން މީޑިއާ ކައުންސިލްގެ އާންމު މެންބަރު މެންބަރުކަމަށް އިންތިޚާބުކޮށްފައިވަނީ ޙައްވާ ވަޖުދާއެވެ.
މި އިންތިޚާބުގައި 53 މީޑިއާއަކުން ވޯޓުލާފައިވާއިރު، މުޒައްޔިން އިންތިޚާބުކުރުމަށް 50 މީޑިއާއަކުން ވޯޓު ދީފައިވެއެވެ. އަދި ލީވާނަށް 48 ވޯޓު ލިބުނުއިރު، ވަޖުދާ އިންތިޚާބުވެފައިވަނީ 38 ވޯޓުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތައް ތަމްސީލް ކުރައްވާ 8 މެންބަރުންނާއި އާންމުގެ 7 މެންބަރުންގެ މައްޗަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް