ގދ. ވާދޫ ފެނާއި ނަރުދަމާ މަޝްރޫޢު ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން ގދ. ވާދޫގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމު އަދި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއެކު މިހާރު ވަނީ ކާމިޔާބުކަމާއެކު ޓެސްޓްކޮށް ކޮމިޝަން ކުރެވިފައެވެ. މިކަމާއެކު، ރަށުގެ ރައްޔިތުންނަށް ދިގު އިންތިޒާރަކަށްފަހު ފެނާއި ނަރުދަމާގެ ޒަމާނީ ޚިދުމަތް ލިބިގަތުމުގެ މަގު ފަހިވެގެންދާނެ ކަމަށް ކޮޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވިފައިވާ ނަރުދަމާ ނިޒާމުގައި 8.2 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވަރކްއަކާއި، 5 ޕަންޕިންގ ސްޓޭޝަން ހިމެނެއެވެ. މީގެ އިތުރުން ދުވާލަކަށް 290 ކިލޯލީޓަރުގެ ނަރުދަމާ ފެން ސާފުކުރެވޭނެ ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓެއް ވެސް ވަނީ ގާއިމުކުރެވިފައެވެ. މި ނިޒާމުގެ ސަބަބުން 217 ގޭބީސީއަކަށް ނަރުދަމާގެ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ފެނުގެ ނިޒާމަށް ބަލާއިރު، 9 ކިލޯމީޓަރުގެ ފެނުގެ ނެޓްވަރކެއް ވަނީ ގާއިމުކުރެވިފައެވެ. އަދި 67 ޓަނުގެ ދެ ރިވާސް އޮސްމޯސިސް (އާރްއޯ) ޕްލާންޓަކާއި، 1.8 ކިލޯމީޓަރުގެ ވާރޭފެން ނަގާ ނެޓްވާރކްއެއް ހިމެނެއެވެ. ފެން ރައްކާކުރުމަށްޓަކައި އާރްއޯ ފެން ރައްކާކުރާ 532 ކިއުބިކް މީޓަރުގެ ދެ ޓޭންކާއި، ވާރޭފެން ރައްކާކުރާ 532 ކިއުބިކް މީޓަރުގެ ޓޭންކެއް ވެސް ވަނީ ބެހެއްޓިފައެވެ. މި ނިޒާމުގެ ދަށުން 231 ގޭބީސީއަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މި ފެނާއި ނަރުދަމާގެ ޚިދުމަތް ޢާންމުންނަށް ދިނުމަށްޓަކައި އޮޕަރޭޓަރާ ޙަވާލުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތް ނިމުމުން، ވާދޫގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ދެވޭނެއެވެ.
މި ބޮޑު މަޝްރޫޢުގެ ޖުމްލަ އަގަކީ 60,604,084.94 (ފަސްދޮޅަސް މިލިއަން ހަސަތޭކަ ހަތަރުހާސް ބައްތީސްރުފިޔާ ނުވަދިހަ ހަތަރު ލާރި) ރުފިޔާއެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ސާފު ފެނާއި ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް