ދައުލަތުން ތައުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުންވެސް ދާން ބޭނުންވާ މަންޒިލަށް އަދިވެސް ނުދެވޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ތައުލީމީ ދާއިރާ އަށް ހޭދަކުރަމުން އަންނައިރު އެ ދާއިރާ އިން އެންމެ އެދެވޭ ހިސާބަށް އަދިވެސް ނުދެވޭ ކަމަށާއި އެއީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، 2013 އާއި 2014 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އަށް ބަލާއިރު ވެސް މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓަށް ފަސް މާއްދާ އިން ސީ ފާސް ވެސް ނުލިބޭ ކަމަށެވެ. އަދި 2023 އަދި 2024 ވަނަ އަހަރުގެ ނަތީޖާ އަށް ބަލާއިރު ހަމަ ފެންނަމުން މިދަނީ މި މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގައި ހިމެނެނީ މަދު އަދަދެއްގެ ދަރިވަރުންކަމަށާއި އެގޮތުން މަތީ އަރުތަ ވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ދެކެވަޑައިގަންނަވާ ގޮތުގައި އޯ ލެވެލްގެ ނަތީޖާ ދަށްވާ މައިގަނޑު ސަބަބަކީ ޕްރައިމަރީ ފެންވަރުގައި ނަތީޖާ ދަށްވުމެވެ.
""އަޅުގަނޑުމެންނަށް އެބަ އެނގޭ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާ އަށް ބަލާލާއިރު ވެސް ކީ ސްޓޭޖު 1 އެއީ ގްރޭޑް 3 ނިންމާ މަރުހަލާ އަދި ކީ ސްޓޭޖު 2 އެއީ ގްރޭޑް 6 ނިންމާ މަރުހަލާ ކަމަށް ވިޔަސް އަޅުގަނޑުމެންނަަކަށް މުހިންމު މާއްދާތައް އިނގިރޭސި ބެލިކަމުގައި ވިޔަސް ހިސާބު ބެލިކަމުގައި ވިޔަސް ދިވެހި ބެލި ކަމުގައި ވިޔަސް މެ މި ހާއްސަ މުހިންމު މާއްދާތަކުން ދަރިވަރުންނަށް އެންމެ އެކަށީގެންވާ ވަރަށް ހާސިލް ކުރެވެމުން ނުދާކަން އަޅުގަނޑުމެންނަށް ފާހަގަވޭ،" ވަޒީރު ވިދާޅުވި އެވެ.
"2021-2022 މި އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޯލެވެލް ނިންމި ބެޗުގައި 840އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ. ޓޮޕްޓެން އަށް މިދަނީ 64 އިންސައްތަ. އޭލެވެލް އާއި ހަމައަށް ދާއިރު އޭލެވެލްގެ ޓޮޕްޓެންއަކަށް ރީޗެއް ނުވޭ. މި ދަރިވަރުންގެ ތެރެއިން 36 އިންސައްތަ ދަރިވަރުން އޯލެވެލް ޓޮޕްޓެންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގެ ތެރެއަށް ވަދެގެން ދަނީ 36 އިންސައްތަ" ވަޒީރު ވިދާޅުވިއެވެ.
އެކަށީގެންވާ ނަތީޖާއެއް ހާސިލްނުވާކަމަށް ފާހަގަވުމާއެކު ޓީޗަރުންގެ ޕްރޮޕެޝަނަލް ޑިވެލޮޕްމަންޓުތަކަށް ޚާއްސަކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިންވެސް ދީފައިވާކަމަށާއި ކަރިކިއުލަމް އަދި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް