މިއަހަރު ހައްޖުގެ އަޅުކަމަށް މީހުން ގެންދިޔުމާއި، ކުރިއަށް އޮތް އުމުރާ ދަތުރުގެ ތައްޔާރީތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެގޮތުން މި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އެ މައްސަލާގައި ބުނެފައިވާ ގޮތުގައި، ޝަކީލްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ވެސް މި އަހަރު ހައްޖަށް ދިޔަ ކަމަށާއި ސަރުކާރުގެ ހަރަދުގައި އެ ކުންފުނީގެ ވެރިންނާއި ބޯޑު މެންބަރުން ވެސް ކިއުގައި ނުޖެހި ހައްޖަށް ދިޔަ ކަމަށް އެ މައްސަލާގައި ވަނީ ތުހުމަތުކޮށްފަ އެވެ.
މާޒް ސަލީމް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި ޝަކީލްގެ ކޮއްކޮ ހައްޖަށް ދިޔައީ ހައްޖުވެރިންނަށް އެހީތެރިއެއްގެ ގޮތުގަ އެވެ. އެހީތެރިން ހޮވުމުގައި ވަކި ލިސްޓެއް ހަދައިގެން، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތެރިންނަށް ފުރުސަތު ދީފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. "ކުރީގެ އަހަރުތަކުގައި ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދާ ފަރާތްތައް ހޮވަނީ ވަކި ތަރުތީބަކުން ހުޅުވާލެވިގެން އެ ކަމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިމެނިގެން ނުދާ އުސޫލުތަކަށް އިސްކަންދީގެން. މި ފަހަރު ހައްޖަށް ދާ މީހުންގެ އެހީތެރިން ނަގާފައިވަނީ ޝަކީލްގެ ލިސްޓަކަށް އިއުލާން ކުރުމެއް ނެތި،" މާޒް ސަލީމްގެ މައްސަލާގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވި އެވެ. އަދި، ޝަކީލްގެ އާއިލާގެ ބަޔަކު ހައްޖަށް ގެންދިޔުމުގައި މަގާމުގެ ހައިސިއްޔަތާއި ނުފޫޒު ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތައް ވެސް އޭނާއަށް އަމާޒުވި އެވެ. ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި، ލިސްޓުގައި ޖެހިފައި ތިބި ހައްޖު ވާޖިބު އެތައް ބަޔަކަށްވުރެ ކުރިން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހައްޖަށް ދިޔައީ ވެސް އެހީތެރިންގެ ގޮތުގަ އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އުމުރާ ދަތުރަށް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ދާ އެންމެންގެ ވިސާ ނަގަމުން ދަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝެއިހު އަލީ ޝަރީފުގެ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ކަމަށް ވެސް އެ މައްސަލާގައި ބުނެފައި ވެ އެވެ. "މި ދެންނެވި ޝެއިހު އަލީ ޝަރީފުގެ ކުންފުންޏަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިސާ ފީ ދައްކަމުންދަނީ 350 ޑޮލަރު ކަމަށާއި އަދި ސައޫދީ އަރަބިއްޔާއަށް ދައްކަން ޖެހޭ ވިސާ ފީގެ އަދަދަކީ 150 ޑޮލަރު،" މާޒް ސަލީމް ހުށަހެޅުއްވި މައްސަލާގައި ލިޔެފައި ވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް