މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މުހިންމު އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވާހަކަފުޅުދައްކަވައިފިއެވެ. އެގޮތުން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާއި، ކުޑަކުދިންގެ ޢަދުލާއި، ކުޑަކުދިން ޤާނޫނާ ޚިލާފުވާ މައްސަލަ އާއި، ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ޙައްލު ހޯދުމުގައި ހުރި ދަތިތަކާއި ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާމެދު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ، އަދި އެފަދަ މަންސަތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތަކުގެ ގެއްލުންދެނިވި އަސަރުތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް ގަނާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި، ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަމާމެދު އެކަމަނާ ވާހަކަފުޅުދައްކަވާފައިވެއެވެ.
ކުޑަކުދިން ޤާނޫނާ ޚިލާފުވުމާ އަދި ކުޑަކުދިންގެ ޢަދުލުގެ މަޢުޟޫއަށް އިންސާފުކުރައްވަމުން އެކަމަނާ ވަނީ، ދިވެހިރާއްޖެއިން ބަލައިގެންފައިވަނީ އެފަދަ ކުދިންނަށް ތަޢުލީމުދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރެ، ދެވަނަ ފުރުޞަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުޑަކުދިން ޤާނޫނާ ޚިލާފުވާން މެދުވެރިވާ ޙަޤީޤީ ސަބަބު ދެނެގަނެ، އެކަމަށް އެދެވޭ ޙައްލު ހޯދުމުގެ މުހިންމުކަމާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ފާހަގަކޮށް، އެކުދިން އެހާލަތަށް ދިއުމުގެ ކުރިން އަޅާލުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ ދުނިޔެއަށް ކުރިމަތިވާ ލޮޅުންތަކުގެ ސަބަބުން ކާބޯތަކެތި ލިބުމުގެ ހިރާސް އޮންނަ ޤައުމުތަކެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނޭ ފަދަ ނިޒާމެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ހައިޑްރޯޕޯނިކްސް ފަދަ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ޤައުމީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ބައްލަވާލެއްވިއެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެކަމަނާ ވަނީ، އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަށް ޚާއްޞަކުރައްވައިގެން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދަވާފައިވާކަން އިޢުލާންކުރައްވާފައެވެ. މެރކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދެވީ މެރކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ކޮމެޓީ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.
މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް