ރާއްޖޭގެ ކުންފުނިތަކުގެ އިސްވެރިން އެއް ތަނަކުން ފެނިގެންދާ އެންމެ ބޮޑު އިވެންޓް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްގެ "ސީއީއޯ ސަމިޓް" އިއްޔެ ބާއްވައިފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ސަމިޓުގައި ރާއްޖޭގެ ކުންފުނިތަކުން އެންމެ އިސްވެރިން ބައިވެރިވެފައިވާއިރު މި ސަމިޓު ކުރިއަށް ގޮސްފައިވަނީ އިއްޔެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށެވެ.
މި ސަމިޓުގައި ސަރުކާރާއި އަމިއްލަ ދާއިރާތަކުގެ އިސްވެރިން އެއްތަނަކަށް ޖަމާވެ، ދިވެހިރާއްޖޭގެ އިގްތިސާދު އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމާމެދު ސީދާ މަޝްވަރާތަކެއް ކުރިއެވެ.
ސީއީއޯ ސަމިޓުގައި ބޭއްވުނު މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު، ފަސްޓް ނޭޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރ މަރްޔަމް ވިސާމް، އޫރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް-ހަމާދީ، އަދި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަމިޓުގައި ގްރޫޕް މަޝްވަރާތަކާއި ހާއްސަކޮށް އިންތިޒާމުކުރެވިފައިވާ ނެޓްވޯކިން ސެޝަންތައް ބޭއްވި އެވެ. މިކަންކަމުގެ މަގުސަދަކީ އަމަލީ ގޮތުން ކުރެވޭނެ ކަންކަން ކަނޑައެޅުމެވެ. އަދި މި ދާއިރާގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކުރެވި އާ ވިސްނުންތަކާއި އާ ހިޔާލުތައް ދެނެގަތުމެވެ.
އެގޮތުން މުހިންމު ދާއިރާތަކުން ލިބިފައިވާ ތަޖުރިބާއާއެކު، ޕެނަލިސްޓުން އެދުވަހުގެ އިންޓަރެކްޓިވް ރައުންޑްޓޭބަލް ސެޝަންތަކަށް އަގުހުރި މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި އެ މަޝްވަރާތަކުގައި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ތަޢުލީމު، ސިއްހީ ޚިދުމަތް، ފަތުރުވެރިކަމުގެ ތަފާތު ދާއިރާތައް، މާލީ އަދި އިންވެސްޓްމަންޓް، އުމްރާނީ ތަރައްގީ އަދި ވެރިކަން ހިންގުން ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލެވުނެވެ.
މީގެ އިތުރުން ބައިވެރިން އެކުގައި މަސައްކަތްކޮށް، ދިމާވެފައިވާ ގޮންޖެހުންތަކާއި ސްޓްރެޓެޖިކް ފުރުސަތުތައް ފާހަގަކޮށް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އިތުރުކުރުމަށް ޢަމަލީގޮތުން ކުރެވިދާނެ ކަންކަން ހުށަހަޅާފައިވާއިރު މި އިވެންޓުގައި އަލަށް ތަޢާރަފުކުރެވުނު ކޯޕަރޭޓް މޯލްޑިވްސް އެޕް އަދި ވެބްސައިޓް ވެސް ވަނީ ރަސްމީކޮށް ފަށާފައެވެ.
މިއީ ރާއްޖޭގައި ވިޔަފާރީގެ މަޢުލޫމާތާއި ނެޓްވޯކިންގ ވަސީލަތްތަކަށް ޑިޖިޓަލްކޮށް ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްލެޓްފޯމެކެވެ. ބިޒްވީކް މިއަދު ކުރިއަށްދިޔައީ މާލޭގެ މީރުމާ ކޮންފަރެންސް ފެސިލިޓީގައި ބޭއްވޭ ނެޓްވޯކް ބައްދަލުވުންތަކާއެކުގައެވެ. ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް، ރަޖިސްޓަރީކޮށްފައިވާ ބައިވެރިން ޕޮޓެންޝަލް ކްލައިންޓުންނާއި، އިންވެސްޓަރުންނާއި އަދި އެހެނިހެން ފަރާތްތަކާއެކު ވަން-އޮން-ވަން ސެޝަންތަކުގައި ބައިވެރިވެ، ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ގާއިމުކުރުމަށާއި ލޯކަލް ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދުމަށް މިއަދު މަސައްކަތްކުރާނެއެވެ.
މިއީ މިބާވަތުގެ ފުރަތަމަ އިވެންޓް ކަމަށްވާއިރު، ކޯޕަރޭޓް މޯލްޑިވްސް ބިޒްވީކްގެ މަގުސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި މުޖުތަމަޢުގައި މާނަހުރި މަޝްވަރާތަކާއި، އެއްބާރުލުމާއި ގުޅުންތައް ބިނާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމަކަށްވުމެވެ. ސީއީއޯ ސަމިޓް ކާމިޔާބުކަމާއެކު ފެށި، ކުރިއަށްހުރި ޙަރަކާތްތަކާއެކު، މި ހަފްތާއަކީ ބައިވެރިންނަށާއި މުޅި އިގްތިސާދަށް ދެމެހެއްޓެނިވި ފައިދާތަކެއް ލިބިގެންދާނެ ހަފްތާއަކަށް ވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް