މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދު ކޮށްފިއެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާނެގި ކަމަށް ބުނެ މަގާމުން ވަކިކޮށް ޝަމްޢާން ހައްޔަރު ކުރީ މާރިޗް މަހުގެ 21 ވަނަ ދުވަހުގައެވެ. ޝަމްޢާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވަނީ ކުރިން ތާއީދު ކޮށްފައެވެ.
ޝަމްޢާންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ޝަރީއަތް ނިމެންދެން ޝައްމާން ބަންދު ކުރަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް ސުޕްރީމް ކޯޓުގައި މި މަހުގެ 15 ގައި ފެށިއިރު، އެ މައްސަލައިގެ ބެންޗުގައި ހިމެނެނީ މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް އައްޔަނު ކުރި ދެ ފަނޑިޔާޔާރުން ކަމަށްވާ އަބްދުﷲ ހަމީދު އާއި ހުސެއިން ޝަހީދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ޝަހީދު އެވެ.
ޝަމްޢާން އާމެދު ފުލުހުން އަމަލު ކުރަނީ، މީގެ ކުރިން އެއްވެސް މީހަކާމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ފަރާތުން ހައިކޯޓު މަރުހަލާގައިވަނީ ބުނެފައެވެ.
މީގެއިތުރުން ޝަމްޢާންގެ އަންހެނުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަމްޢާން ހައްޔަރުކޮށްފައި ވަނީ ”ނުހައްގުން، ފްރޭމްކޮށްގެން“ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ދޮގު ކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް