ދިވެހިރާއްޖެއާއި ވިއެޓްނާމް އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ބުއި ތަންހް ސަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެގޮތުން، ދިވެހިރާއްޖެއާއި ވިއެޓްނާމްއާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ބުއި ތަންހް ސަން އަށާއި ވިއެޓްނާމް ސަރުކާރަށް އަދި ވިއެޓްނާމްގެ ރައްޔިތުންނަށް އަރިސްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދުގައި އޮންނަ އެކުވެރި ގާތްގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ އިތުރަށް ބަދަހިވެފައިކަމަށާއި އަދި، ދެޤައުމުގެމެދުގައި ބަދަހިވަމުން އަންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމްއާއިއެކު ގާތުން މަސައްކަތްކުރުމަށް އުންމީދުކުރާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ބުއި ތަންހް ސަން އަށް ދުޅަހެޔޮ ސިއްޙަތާއި ވެއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބުމަށް އެދޭކަމަށް ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް