ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފިއެވެ.
އެގޮތުން އެ ވުޒާރާއިން ހާމަކުރިގޮތުގައި މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ 13:00 އިން 18:00 އަށް ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގަ އެވެ.
މި ހަރަކާތްތަކުގައި ކަނޑުތައް ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއި ކުޑަކުދިންނާއި އެކު އާއިލާތަކަށް އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތައް ގިނަ ސްޓޯލްތަކަކާއި އެކު ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މައިގަނޑު ތިން ހަރަކާތެއް އެދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި ފުރަތަމަ ހިމެނެނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތެވެ. މި ހަރަކާތަކީ ހާއްސަކޮށް ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކޮށް އަގުވަޒަން ކުރުމަށް ބާރުއެޅުމެވެ. މި އިވެންޓުގައި ގިނަވެގެން 50 ކުދިންނަށް ބައިވެރިވެވޭނެއެވެ. މި އިވެންޓް ނިމުމުން ހުރިހާ ބައިވެރިންނާއި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެވަނަ ހަރަކާތަކީ އޯޝަން ފެސްޓިވަލް އެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ކަނޑުގެ އުސޫލުތަކާއި، ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އޯޝަން ކުއިޒް މުބާރާތެވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް