އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ ދެބައިވެ އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން އިއްޔެ ފާސްކޮށްފި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.
މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ. މަޢުލޫމާތު ލިބޭގޮތުގައި، އެ ގަރާރު ފާސްކުރުމާ ގުޅިގެން ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދުނުނަމަވެސް، ގަރާރު ފާސްކުރީ އެ ޕާޓީގެ ގިނަ ބައެއްގެ ތާއީދާއެކު އެވެ.
މި ގަރާރު ފާސްކޮށްފައި މިވަނީ، ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވަނިކޮށެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ. ފައްޔާޒް ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން." ފައްޔާޒް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް