ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާފައި ނެތް ކަމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢާންމު ފަރުދަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.
އެގޮތުން ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓައިލުމަށް ކެބިނެޓުން ނިންމާފައި ނުވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މިއާއެކު، އިދިިކޮޅު ފަރާތްތަކުން ފަތުރަމުންދިޔަ، އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން އުޅޭ ކަމުގެ ޚަބަރުތައް ދޮގުވެގެން ދިޔައެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، މަގޫދޫގައި ހިންގާ އެއާޕޯޓު މަޝްރޫއުގައި ލަސްތަކެއް އުޅޭ ނަމަވެސް، މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. އަދި މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއު މަގޫދޫގައި ހިންގަން ކުރީގެ ސަރުކާރުން ނިންމީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހަމައެއާއެކު ގަބޫލުކުރަން ކުރީގަ، އެންމެ ކުރީގަ، އަބަދުވެސް ނިލަންދޫގައި އަޅަން ކަނޑައެޅިފަ އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަޅަކަށް ނޫންކަން. އެހެންވިމމާ އެއާއެއްކޮށް ވެސް ސަރުކާރުން ޑިވެލޮޕްމެންޓަލް ޕްލޭނާ އެއްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަންޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ އަވަހަށް ފަށައިގަނެ ކުރިއަށް ގެންދާނެ ކަމަށެވެ. މިހާރު ޝޯ ޕްރޮޓެކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު އަވަހަށް ނިންމައި ޚިދުމަތް ދޭން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގޫދޫގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައި، 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް