ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކްލިނިކުތަކެއް ހުޅުވައިފިކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
އެގޮތުން، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހައްޖުން އަންނަ ފަރާތްތަކަށް ކްލިނިކެއް ހުޅުވިކަން ހާމަކޮށް އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކަށް އަންނަ ހުރިހާ ފަރާތްތަކުން ވެސް ފުރަތަމަ ދާން ޖެހޭނީ އީއާރް ޓްރައޭޖް ކައުންޓަރަށް ކަމަށެވެ.
"ކިއުބީ ޓޯކެން ސިިސްޓަމްއިން ފްލޫ ކްލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ." އައިޖީއެމްްއެޗުން ކުރި ޕޯސްޓެއްގައި ބުންޏެވެ.
މި ފްލޫ ކްލިނިކުގެ ހިދުމަތް ލިބޭނީ ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް ކަމަށެވެ. އެ ހިދުމަތް ލިބޭނީ ބަލި މީހުން ބަލާ ކޮޓަރި ނަމްބަރު 10، ކުރީގެ ޖީއޯޕީޑީ ސަރަހައްދުންކަމަށްކަމަށްވާއިރު، ހުޅުމާލެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2 އިން ރޭގަނޑު 8 އަށް ލިބޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކް ހުންނާނީ މައި ކައުންޓަރު ހުންނަ ސަރަހައްދުގައެވެ.
ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށާ އަދި ކުޑަކުދިންނާ ކައިރިނުވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ، މޭގައި ރިއްސާ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
ހައްޖުގެ އަޅުކަން އަދާކުރި ދިވެހީން ގޮވައިގެން ފުރަތަަމަ ފްލައިޓު ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް