ޖޫން މަހުގެ 9 އިން 13 އަށް ކުރިއަށްދާ އ.ދ.ގެ ތިން ވަނަ އޯޝަން ކޮންފަރެންސްގައި ދިވެހިރާއްޖެއިން އިސްނަގައިގެން ސައިޑް އިވެންޓެއް ބާއްވައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ވިދާޅުވީ އެއީ 2 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިވެންޓެއްކަމަށާއި އެ އިވެންޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ މާހައުލާއި ދިރުންތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި މެނޭޖްކުރުމަށް ރާއްޖެއާ އެހެން ގައުމުތަކާއި ސަރަޙައްދީ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި އިވެންޓެއްކަމަށެވެ.
މި އިވެންޓުގެ ފުރަތަމަ ސެޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަން އާއްމު ދިރިއުޅުމާއި ގުޅި ލާމެހިފައިވާ މިންވަރާއި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ގިނަ ގުނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ދުނިޔޭގެ މަސްވެރިކަމުގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގައި އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި ރިޢާޔަތް ނުކުރާކަން ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި ކުދި ފަންތީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ދިވެހިރާއްޖެއާއި، އިންޑޮނޭޝިއާ އަދި ޓެންޒޭނިއާގެ ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން މިސެޝަންގައި ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާއާއި އާއި ބޭ އޮފް ބެންގަލް އިންޓަރގަވަމަންޓަލް އޯގަނައިޒޭޝަންގެ ފަރާތުން ބައިވެރިވެ، އެޖަމްއިއްޔާ ތަކުން ކުދިފަންތީގެ މަސްވެރިކަން ތަރައްޤީކޮށް ރާވާ ހިންގާ ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތައް ހިއްސާކުރެއްވިއެވެ.
މިސައިޑް އިވެންޓްގެ ދެ ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާރކެއް ތަރައްގީކުރުމާއި އިތުރު ތިން ބަޔޮސްފިއަރ ރިޒާވް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފާހަގަކުރެއްވިއެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެކަށީގެންވާ ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމަށް ސަރުކާރުން ދޭ ސަމާލުކަމާއި އަހައްމިޔަތުކަމަށް އަލިއަޅުވާލެއްވިއެވެ.
މި ސެޝަންގައި އިނގެރޭސިވިލާތުގެ ޖޮއިންޓް ނޭޗަރ ކޮންޒަވޭޝަން ކޮމިޓީއާއި ފަރަންސޭސި ވިލާތުގެ ފްރެންޗް ބަޔޯޑައިވަރސިޓީ އޮފީހުގެ މަންދޫބު ބައިވެރިވެ ވާހަކަ ދެއްކެވިއެވެ. މި ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި މި ކަމާ ގުޅިގެން ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ. އަދި މިފަދަ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ދައުރު ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް