އިޒްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ ދެކޮޅަށް ހިންގި އުދުވާނީ ޙަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ވަރަށް ބޮޑަށް ޚިލާފު ޢަމަލެއްކަން ފާހަގަކުރައްވައިފިއެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައި ޕޯސްޓު ކުރެއްވި މެސެޖެއްގައެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިފަދަ ޙަމަލާތައް ތަކުރާރުވުމަކީ، ހަމައެކަނި އީރާނަށް އޮތް ބިރެއް ނޫން ކަމަށާއި، އަވަށްޓެރި ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހަމަލާ ދިވެހި ސަރުކާރުންވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާޢިން ވިދާޅުވީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާން އަށް ދިން މިހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް