ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައެޅުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް މަޖިލީހުން ކުރި އިޢުލާނުގައި ބުނީ، އެ މަޤާމަށް އަންނަނިވި ޝަރުޠުތައް ހުރި ފަރާތްތަކަށް ކުރިމަތިލެވޭނެކަމަށެވެ.
- މުސްލިމަކު ކަމުގައިވުން،
- ދިވެހިރައްޔިތަކު ކަމުގައިވުން، އަދި ބޭރު ޤައުމުެއްގެ ރައްޔިތެއްކަމުގައި ނުވުން
- ޢުމުރުން 30 (ތިރީސް) އަހަރު ވެފައިވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޟްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓިއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ 5 އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަށް ޢައްޔަނު ނުކުރެވޭނެކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
އެހެންކަމުން، އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދި ފޯމާއި އިޤްރާރާއި އެނޫނަސް ބޭނުންވާ މަޢޫލޫމާތުތައް 3 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް މަޖިލީހުން ވަނީ ބުނެފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިހާރު ކަނޑައަޅާފައިވާ މެންބަރަކީ ޑޮކްޓަރ އާމިނަތު އުއްމުކުލްޘޫމްއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެބޭފުޅާގެ 5 އަހަރުގެ ދައުރު ހަމަވާންވަނީ ކައިރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް