ބަލި މީހުންނަށް ޒިޔާރަތް ކުރަން ހޮސްޕިޓަލަށް ދާއިރު ކުޑަކުދިން ގޮވައިގެން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދެފިއެވެ.
އިންފުލުއެންޒާ ގެ ކޭސްތަކާއި މިިހާރު ފެތުރެމުންދާ ރޯގާތައް އަދި ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއެގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. އިބްރާހީމް އިޔާޒު ވަނީ މިހާރު މިހާރު އާއްމު ރޯގާތަކުގެ އިތުރުން އިންފުލެންޒާ އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.
އެގޮތުން ހުން އިތުރުވާ ދުވަސްވަރު ހޮސްޕިޓަލަށްވެސް ބާރު ބޮޑުވާކަން ފާހަގަކޮށް ޑރ. އިޔާޒް ވިދާޅުވީ 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދު ގޭގައި މަޑުކޮށްގެން ޕެނެޑޯލް ކައިގެން ގޭގައި މެނޭޖްކުރެވޭނަމަ އެކަން ކުރުމަށާއި އެހެން ނަމަވެސް އަބަދުވެސް ދިފާޢީ ނިޒާމް ބަލިކަށި ފަރާތްތަަށް ކަމަށްވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ގޭގައި ފަރުވާދީގެން ހުން ކޮންޓްރޯލް ނުކުރެވޭކަމަށް ހީވިއަސް އަވަހަށް ހޮސްޕިޓަލަށް ދިއުމަށް ޑރ އެދިވަޑައިގެންނެނެވިއެވެ.
އަދި މިފަދަ ނާޒުކު ދުވަސްވަރެއްގައި ޚާއްޞަކޮށް ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިޔުމަށާއި މީގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނައިން ބޭރުތެރެއަށް ނުދިއުމަށް ވެސް ޑރ. ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ ތެރޭގައިވެސް ޚާއްސަކޮށް 6 މަސްނުފުރޭ ތުއްތު ކުދިންނާއި، 5 އަހަރުންދަށުގެ ކުދިން ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު ނުގެންދިއުމަށް ޑޮކްޓަރ އެދިވަޑައިގެންނެވިއެވެ.
''ކުޑަކުދިންނާއި ދެންމެ ވިހައިގެން އުޅޭ ކުދިންނަކީ އެކުދިންގެ ދިފާޢީ ނިޒާމް އަދި އުފެދިގެން އެ އަންނަނީ، އޭގެ މާނައަކީ ވަރަށް ކުދިކުދި ބަލިތައްވެސް ވަރަށް ބޮޑެތި ބަލިތަކަށް ވުމުގެ ފުރުޞަތު އެބަބޮޑުވޭ. އަދި ކުޑަކުދިންވެސް، ފުއްޕާމޭގެ ބަލިތަކާއި ނޭވާލާ ނިޒާމްގެ ބަލި ހުންނަ ކުދިން، މިކުދިންނަށް ބަލި ބޮޑުވުމުގެ ފުރުޞަތު ބޮޑު" ޑރ. އިޔާޒު ވިދާޅުވިއެވެ.
މި ދުވަސްވަރު ރޯގާ، އިންފުލުއެންޒާ އަދި ކޮވިޑް ކޭސްތައް ގިނަކަން ފާހަގަކުރައްވަމުން އެޗްޕީއޭގެ ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވީ، މިދުުވަސްވަރު ޑެންގީގެ ކޭސްތައް މަދުނަމަވެސް ކުރިއަށް އޮތް ދުވަސްވަރަކީ އާއްމުކޮށް ރާއްޖޭގައި ޑެންގީ ކޭސްތައް އިތުރުވާ ދުވަސްވަރެއްކަމަށާއި އެގޮތުން އޮގަސްޓަމަހާއި ހަމައަށް ޑެންގީ ކޭސްތައް އިތުރުވާނެތީ އެކަމަށް ސަމާލުވުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް