އިއްޔެގެ ވަގުތެއްގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް "ޚިދުމަތް ޖަމިއްޔާ"އިން ފަށައިފިއެވެ.
އެގޮތުން އެ މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައެވެ.
މިކަން ހާމަކޮށް ޚިދުމަތް ޖަމިއްޔާއިން ބުނީ މި މަޝްރޫޢުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ސަދަގާތެއް ކުރަން، އެބޭފުޅާގެ އިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ" ޚިދުމަތް ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހިމް ފަރީދު އަހުމަދު އިސްލާމް ދީނަށް ކޮށްދެއްވި ޚިދުމަތަކީ ދުލާއި ގަލަމުން ކިޔައިދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެއްކަމަށާއި އަދި އިންސާނަކު މަރުވުމަށްފަހު އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބޭ މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ސަދަގާތެއް ކުރުންކަމަށެވެ.
އުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދުގެ ހަށިކޮޅު މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި އެ މަރްހޫމްގެ މައްޗަށް ޣައިބު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
މިސްކިތު ފަންޑަށް އެހީތެރިވުމަށް:
ޚިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް