ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮލިޓީ މެޝިނަރީޒް އަތުގައި ހުރުން މުހިންމުކަމަށާއި އުންމީދަކީ އަހަރު ނިމޭއިރު އަތުގައި ބޭނުންވާ މެޝިނަރީޒް ހުރުންކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އަލީ ޒުހައިރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން، އާރްޑީސީން ކުރިއަށްގެންދާ މަސައްކަތްތައް ލަސްވާ އެންމެ ބޮޑު ސަބަބެއްކަމަށް އެކަށީގެންވާ ވަޞީލަތްތައް ނެތުންކަމަށް އަލިއަޅުވާލައްވަމުން އެބޭފުޅާ ވިދާޅުވީ، އިންސާނީ ވަޞީަލަތްތައް ޤާއިމްކުރުމުގެ އިތުރަށް އެކުންފުންޏަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި އެހެނިހެން އިދާރާތަކާ ގުޅިގެން މުވައްޒަފުންގެ ކުރިއެރުމާއި ޤާބިލްކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރައްވަމުން ގެންދިއުމުގެ އިތުރުން ސަރުކާރާ ގުޅިގެން އެކުންފުންޏަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމަށް މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އެ ވަޞީލަތްތައް ލިބިއްޖެނަމަ މިހާރަށްވުރެ ބޮޑަށް މަސައްކަތްތަކުގެ ސްޕީޑް ހުޅުވިގެންދާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިވަގުތު އެ ކުންފުނީގައި ހުރި ގިނަ މެޝިނަރީޒްތަކަކީ ކުއްޔަށް ނަގައިގެން ގެންގުޅޭތަކެތިކަމަށް ފާހަގަކުރައްވަމުން އެބޭފުޅާ ވިދާޅުވީ ގިނަފަހަރަށް ކުއްޔަށް ނަގާ މެޝިނަރީޒްތަކަކީ އޭގެ ޒާތުގައި ރަނގަޅަށް މަސައްކަތް ނުކުރާތަކެތިކަމާއި އެހެންކަމުން އައު މެޝިނަރީޒްތައް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރު ނިމެންވާއިރަށް އެތަކެތި ލިބުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.
"އެ މެޝިނަރީޒްތައް ރަނގަޅުކުރުމަކީވެސް ވަރަށްބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް. ކޮލިޓީ ޕްރޮޑަކްޓެއް ދިނުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އެކަން ކުރެވޭނީ ކޮލިޓީ މެޝިނަރީޒް އަތުގައި ހުރެގެން. އުންމީދަކީ އަހަރު ނިމޭއިރު އަތުގައި ބޭނުންވާ މެޝިނަރީޒް ހުރުން. އެކަމަށް މާލީ ވުޒާރާއިން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ" އަލީ ޒުހައިރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް