ހައްވާ ޔުމްނު ރަޝީދު، ހ. ފެންޓެނޯއީ ގޭގެ މަތިން ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު ހުރި ރައުދު އަހުމަދު ޛިލާލްގެ މައްޗަށް އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، 18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް 4 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ރައުދުގެ މައްޗަށް ދަޢުވާކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު: 2014/9) ގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއަށްކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އަދި މި ދަޢުވާއަކީ ރައުދު، 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީކޮށްފައިވާ ދަޢުވާއެއްކަމަށްވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.
މި ދަޢުވާ ރައުދުގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއަށް އަންނާނީ، 1 މަހާއި 6 ދުވަހަށް ޖަލަށްލުމުގެ ޙުކުމެކެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫންކަމަށާއި، ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންކަމަށެވެ.
އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް