އެސްޓީއޯ މެދުވެރިކޮށް ކުރިން އެތެރެކުރަމުން ދިޔަ ބޭހުގެ އަދަދު 300 އިން 1000 އަށް އިތުރުކޮށްފައިވާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވީ އާސަންދައިގެ ނިޒާމް އޮތީ ރާއްޖެއަށް ނުކަތާ މިންވަރަށް ފުޅާވެފައި ކަމަށާއި، އާސަންދައަށް ކަނޑައަޅާ ބަޖެޓުގެ ފައިސާ ކޮންމެ އަހަރަކުވެސް ހުސްވެ، ސަޕްލިމެޓްރީ ބަޖެޓުގެ ތެރެއިން އެ ހަރަދުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. އާސަންދައިގެ ގާތްގަނޑަކަށް 30 ނުވަތަ 40 ވަރަކަށް އިންސައްތަ ޚަރަދުކުރަނީ ހަމައެކަނި ބޭސް މީހުންނަށް ދޫކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، އާސަންދަ ރީފޯމްކޮށް، ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ފެށި މަސައްކަތުން ފާހަގަވީ ބައެއް ބޭސްތައް ވަރަށް ބޮޑު ޕްރޮފިޓް މާޖިންއެއްގައި ވިއްކަމުން ދިއުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކުރަން އޮތް ގޮތަކީ ބައެއް އެސެންޝިއަލް ބޭސްތަކަށް ކޮންޓްރޯލް ކޮށްފައިވާ އަގެއް ކަނޑައެޅުން ކަމަށާއި، އެއީ އެންމެންގެ ފައިދާއަށްޓަކައި ސަރުކާރުން ކުރި ކަމެއްކަމަށް އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އެ ގޮންޖެހުމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށްވީ އެސްޓީއޯ އިން އެތެރެ ކުރާ އެސެންޝިއަލް ބޭހުގެ އަދަދު ހާހަކަށް ވުރެ އިތުރުވެ، ބޭސް ލިބުމާއި ގުޅޭގޮތުން މިހާރު އަންނަ ޝަކުވާ މަދުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޭގެ އަލިމަގު އަޅުގަނޑުމެންނަށް އެބަފެނޭ. ޝަކުވާތައް މަދުވެއްޖެ. ދިވެހިރާއްޖެއަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބޭސް އެެތެރެކުރަން މި އޮންނަ އެސްޓީއޯގެ ސަޕްލައި އިތުރުވެެެއްޖެ. މިހާރު އެސްޓީއޯއިން އެކަނި އެއްހާހަށް ވުރެ ގިނަ ބޭސް އެސްޓީއޯ ފާމަސީތަކުން އެބަލިބޭ," ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް