ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރުކުރަން ޖެހޭކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ސަރުކާރުން މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިންކަމަށާއި މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިކަމަށެވެ. އަދި 2.3 މިލިޔަން ފަތުރުވެރިން ގެނައުމާއިއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ ކިހާދުވަހެއްތޯ ބަލަންޖެހޭކަމަށާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގައި ހޭދަކުރާ ދުވަސް އެބަ އިތުރުކުރަން ޖެހޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. އެބޭފުޅުން ރާއްޖޭގައި ސްޕެންޑްކުރާ ދުވަހާއި ރާއްޖޭގައި އެބޭފުޅުން ސްޕެންޑްކުރާ އަދަދާއި އެބޭފުޅުން ސްޕެންޑްކުރާ ކަންތައްތަކާއި. އެކަންތައްތަކަށްވެސް އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. ދެން ހަމަ އެއާއިއެކު އަޅުގަނޑުމެން އެބަ ބަލަން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ހައި އެންޑް ފަތުރުވެރިންވެސް ގެނައުމުގެ މަސައްކަތްތައް އެބަ ކުރަން." ވަޒީރު ވިދާޅުވިއެވެ
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއްދީގެން ކުރަމުންދާކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެގޮތުން މިއަހަރުގެ އައިޓީބީގައިވެސް ވަރަށް މުހިންމު އިސްކަމެއްދީގެން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހައި ބޮޑެތި އެއަރލައިންތަކެއްގެ އިސްވެރިންނާއި، ބޮޑެތި ޓްރެވެލް އެޖެންސީތަކާއި ބައްދަލުކުރައްވާފައިވާކަމަށާއި އަދި 2 ފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މިބައްދަލުވުންތަކުގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް