އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައި އެކަނިއެވެ. އެހެންކަމުން، އައްޑޫގައި މިފަދަ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވޭ. ވެދަރ ރޭޑަރތައް ބެހެއްޓި، ވެދަރ ފޯކާސްޓް ކުރުމާއި އެލަރޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްކަންތައް އެއީ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް އަދި އާންމު ރައްޔިތުންގެ ދިިރިއުޅުމަށް ވަރަށް ބޮޑު ގުޅުމެއް ވާކަންތައްތަކެއް. އެހެންވީމަ މޫސުމަކީ ހުރިހާ އެންމެނަށްވެސް މުހިންމު އެއްޗެއް." ހުސައިން ވަހީދު ވިދާޅުވިއެވެ.
ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ޑޮޕްލަރ ވެދަރ ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާކުރެވޭ ވަގުތު ދެނެގަނެވި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތުވެސް ދެނެގަނެވޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.
ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.
ޑޮޕްލަރ ވެދަރ ރާޑަރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް