ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިގޮތުން 1 މިލިއަން ވަނައަށް ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިޔަކީ މިއަދު އިންޑިގޯ ފްލައިޓުން، އޭނާގެ ބައިވެރިޔާއާއިއެކު، މަލަހިނި ކުޑަބަޑޮސް ރިޒޯޓު ހަނީމޫން ހޭދަކުރުމަށް އައިސްފައިވާ އިންޑިއާ ގެ ކާޖަލް ސިންގް އެވެ. މިއީ ސިންގް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ.
1 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި (އެމް.އެމް.ޕީ.އާރް.ސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އަލްފާޝިލް ތޯރިޤް އިބްރާހީމްވެސް ވަނީ ބައިވެރިވެ ވަޑައިގެން ކާޖަލް ސިންގްއަށް މަރުހަބާ ދަންނަވާފައެވެ.
އަދި މިކާމިޔާބީ ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ، މިލަނޑުދަޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއްކަމަށާއި، އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މި ކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ތޯރިޤުވަނީ ޝުކުރު ދަންނަވާފައެވެ.
"މި ކާމިޔާބަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖޭ ޒިޔާރަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވެވޭނޭ ކަމުގެ ހެއްކެއް" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. "ސިނާއަތުގެ ހުރިހާ މަސްލަހަތުވެރީންނާއެކު މި މުހިންމު ކާމިޔާބީ ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކާމިޔާބީ ހޯދުމުގައި އެބޭފުޅުންގެ ހިތްވަރާ ބުރަ މަސައްކަތް އަގު ނުކުރެވޭހާ މުހިންމު ދައުރެއް އަދާކުރޭ. އަޅުގަނޑުމެންގެ އަޒުމު މިހިސާބުން ނިމުމަކަށް އައީކީ ނޫން. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށާއި، ސަނީ ސައިޑް އޮފް ލައިފް އަކީ އަބަދުވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ކަށަވަރުކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާނަން." އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
1 މިލިއަންވަނަ ފަތުރުވެރިޔާގެ ހައިސިއްޔަތުން ކާޖަލް ސިންގް އަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ 'ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައިއެވެ. މި ގޮތުން، މިސް ސިންގް ވަނީ މި ޕްރޮގްރާމްގެ ދަށުން ހުޅުލޭގައި ގަހެއް އިންދާފައިއެވެ. މި ޕްރޮގްރާމަކީ ރާއްޖެ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ފެހިކަން އިތުރުކޮށް، ވިލުންތެރި ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވާފައިވާ ޕްރޮގްރާމެކެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަހަރުގެ 1 މިލިއަން ފަތުރުވެރިޔާ ޒިޔާރަތްކުރުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ފަޚުރުވެރި ދަނޑިވަޅެއްކަމަށާއި، މިއީ އެމްއެމްޕީއާރުސީގެ ސްޓްރެޓެޖިކް ޕްރޮމޯޝަނަލް މަސައްކަތްތަކުން އުފެދިފައިވާ މޮމެންޓަމް ރަމްޒުކޮށްދޭ ކަމެކެވެ.
އަދި ދާދި ފަހުން ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށް، މި މުހިންމު މައިލްސްޓޯން އިން ދައްކުވައިދެނީ ރާއްޖޭގެ ގްލޯބަލް ވިޒިބިލިޓީގެ ވަރުގަދަކަމާއި ހަދާފައިވާ މުހިންމު ޕާޓްނާޝިޕްތަކުގެ ނަތީޖާކަމަށާއި މި މަސައްކަތްތަކާއެކު، މިހާރު ކުރިއަށްދާ ސަމަރ ސޭލް ކެމްޕޭނުން، އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީއާއެކު ޔޫރަޕާއި މުހިންމު ބައިނަލްއަޤްވާމީ މާކެޓްތަކުގައި، ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކޮށް، ސަމަރ އަދި ކުރިއަށް އޮތް ވިންޓަރ މޫސުމަށް ކުރިއާލާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ހިތްވަރުދޭނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެމްމްއެމްޕީއާރުސީގެ މާކެޓިންގ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ކެމްޕޭންތަކާއި، ސްޓްރެޓެޖިކް ޕާޓްނަރޝިޕްތަކާއި، އަމާޒުކުރެވިގެން ބާއްވާ އައުޓްރީޗް މަސައްކަތްތަކުން ދިވެހިރާއްޖޭގެ ބްރޭންޑް ވަރަށް ބޮޑަށް ހަރުދަނާވެ، ބުކިންތައް އިތުރުކޮށް، އަހަރުގެ ހުރިހާ ހިސާބެއްގައިވެސް ޗުއްޓީ ހޭދަކުރުމަށް އެންމެ ކަމުދާ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤާމު ވަރުގަދަ ކުރާކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް