އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ގިނަ ތައްޔާރީތަކެއް މިހާރު ވަމުންދާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެގޮތުން، އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުން ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށުމަށްޓަކައި ގިނަ ތައްޔާރީތަކެއްވަމުންދާކަމަށެވެ. އެގޮތުން، އެކަމާ ގުޅޭ ޢިލްމުތައް ރާއްޖެއަށް ގެނައުމާއި، ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތައް މިހާރުކުރަމުންދާކަން ވަޒީރު ފާހަަގަކުރެއްވިއެވެ.
"ދުވަސްވީ މީހުންގެ މަޢުލޫމާތު އެއްކުރުން ނުވަތަ ހަނދާންތައް އެއްކުރުމޭ މި ބުނާ ބަހުގެ މާނައަކީ ހަމަ ވަކި ގޮތަކަށް ވަކި ޢިލްމީ ހަމަތަކެއްގެ މަތީން ވަކި ކަހަލަ ހަނދާންތަކެއް ވަކި ގޮތަކަށް ތަރުތީބުކުރެވިގެން ސުވާލުތައް ކުރެވިގެން އެކި ދުވަސްމަތީން ބައްދަލުކުރެވިގެން ނެނގޭ މަޢުލޫމާތުތަކެއް. އެގޮތުން ބަލަމާ ހިނގާ ރާއްޖޭގެ 50، 60 އަހަރުގެ މީހުންގެ މުޅި ރާއްޖެއިން ކޮންމެ ރަށަކުން 10 ވަރަކަށް މީހުން ނެގުނަސް އަޅުގަނޑުމެންނަށް ވަކި ދުވަސްވަރެއްގައި ރާއްޖެ އޮތް ގޮތާއި ވަރަށް ގިނަ މަޢުލޫމާތުތަކެއް އެނގޭނެ." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ޢަަމަލީ މަސައްކަތް ނިމުމާއެކު އެކި ކަންކަމުގައި ކާބަފައިން ގެންގުޅުނު ހަމަތަކާއި އުސޫލުތަކާއި ކާބަފައިންގެ ހަރުދަނާ ސިފަތައް ދެނެގަނެވޭނެކަމަށާއި އަދި އެ މަޢުލޫމާތު ލިބުމުން މުސްތަޤްބަލަށްޓަކައި ކުރެވޭނެ ކަންތައްތައްވެސް ގިނަވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރުތެރޭ ޔުނިފޯމް ފްރޭމް ވޯކްސްތައް އުފެއްދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
އެގޮތުން ދިވެހީންގެ އެއްޗެއް ދިވެހީންގެ އެއްޗެއްކަން ކަނޑައެޅޭ ގޮތްތަކެއް ހޯދާ ބަލާ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށާއި މިއީ ރާއްޖޭ އެކި މަޢުލޫމާތުތައް ރެކޯޑްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު، މި މަސައްކަތަކީ، ދިވެހީންގެ ހުނަރުތަކާއި ދިވެހީންގެ ސިފަތަކާއި އޭގެ ރީތި މޮޅު ގޮތްތައް، ދެނަގަތުމަށްޓަކައި ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއްކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް