ސަރުކާރުން މި އަހަރު ހައްދުންމަތީ ގަމުގައި ފާހަގަކުރާ 1446 ވަނަ އަހަރުގެ އަޟްޙާޢީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ޝަރަފުވެރިކޮށްދެއްވުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ލ. ގަމަށް ވަޑައިގެންފިއެވެ.
އެގޮތުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމަށް ލ. ކައްދޫ އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހައްދުއްމަތީ ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔޫސުފް ނަޝީދާއި، ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއާާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި ވުޒާރާގެ ޓީމުގެ ބޭފުޅުންގެ އިތުރަށް، ފޮނަދޫ ކައުސިލްގެ ރާއީސް އަޙްމަދު ރިޔާޒާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާނެވެ.
ހައްދުންމަތީ ގަމުގެ ތިން އަވަށުގައި ވެސް ވަރަށް ފޯރިޔާއެކު މި އަހަރު ގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގަމުގެ ރައްޔިތުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަނުންނެވެ.
ރަށުގެ ހުރިހައި އުމުރެއްގެ އަންހެން ފިރިހެން އަދި ޒުވާނުންނާއި އިސް ރަށްވެހީންގެ ބައިވެރިވުމާއެކު ކައުންސިލްގެ ފަރާތުން ދަނީ މި ފަހަރުގެ ޢީދު އެހެން އަހަރުތަކާ ޚިލާފަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރީތައްވަމުންކަމުގައި ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.
ހައްދުންމަތީ ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ. މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށުގެ ހަރަކާތްތައް ވެސް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް