1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 13 ޖޫން 2024 ވީ ބުރާސްފަތި ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ، ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު މި ދެދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި 16:00 އިން 18:00 އަށް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ.
އެހެންކަމުން، މި ނިންމުމާއި ގުޅިގެން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އަދި މި ގަޑީގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން (ތައިސޭކޮށި، މާލެ) 06 ޖޫން 2025 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލްގެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް