ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކިފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާތީ 04 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިކަން ހާމަކޮށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކިޤަރީނާއިން އެނގޭތީ، އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 03 ޖޫން 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި މއ.އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ.ވިރާޙް، ޟިރުޢާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ.އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން ދަނީ ކުރަމުންކަމަށް އޭސީސީން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް