ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އޭޝިޔާ ޕެސިފިކް ރީޖަންގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މި ކަންކަން ފަހިކުރުމުގައި ކޮންމެ ޤައުމަކަށްވެސް މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްނޮލޮޖީގެ ބޭނުން ބައެއް މީހުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވަޒީރު ވިދާޅުވެފައެވެ.
އެގޮތުން ސައިބަރ ކުށްތައްކޮށް، އެތައް ބައެއްގެ ފައިސާއާއި ކުންފުނިތަކުގެ މުހިންމު މަޢުލޫމާތު އަތުލައި، ނަހަމަ ކަންކަން ކުރަމުންދާކަމަށާއި ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައްވެސް އެކުލަވާލަންޖެހޭ ކަމަށާއި އަދި ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ވަޒީރު ވަނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަން ފާހަގަކުރައްވާ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ފައިދާތައް ދެނެގަނެ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ބޭނުން ހިފުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ފޯކަސް ކުރަމުން ގެންދާވާ ކަމަށްވެސް ވިދާޅުވެފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތު ވަނީ މިދިޔަ މަހު އިފްތިތާޙުކޮށްފައި. "މޯލްޑިވްސް 2.0"އަކީ ރައީސްގެ އަމާޒުކަމުގައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަށް ސަރުކާރުން ދޭ ޚިދުމަތްތަކާއި އިޤުތިޞާދީ ކުރިއެރުމާއި ޢާންމު ޚިދުމަތްތަކާއި ފުރުޞަތުތަކާއި މުހިންމު މަޢުލޫމާތު ޑިޖިޓަލް ވަޞީލަތްތަކުގެ އެހީތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައްވެސް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް