ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޖަޕާނުގެ ކެނެޑޭވިއާ ކުންފުންޏާ ދެމެދު އިއްޔެ ވެވުނު މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރެވޭނެއެވެ.
މީރުމާ ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މޭނެޖިންގް ޑިރެކްޓަރ އަބްދުލް-މަތީން މުހައްމަދުއެވެ. ކެނޭޑިވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކޭޝީ އައިބާއެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޕްލާންޓެކެވެ. އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ މުޅި ކުޅުދުއްފުށި ސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެ ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށްުމަށް 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. އަދި މި ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއްވެސް ޤާއިމްކުރެވޭނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީންނެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެކުންފުނިން މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަކީ ޑީސެލަށް ބަރޯސާވެގެން، ދެވޭ ޚިދުމަތެއް ކަމަށެވެ.
" މީގެ ސަބަބުން ރަށްރަށުގެ ފެނުގެ ޚިދުމަތް ދިނުމަށް މާލީ ގޮތުން ދެކޮޅު ޖެހޭ ނިޒާމަކަށް ބަދަލުކުރެވޭނެ. މިމަސައްކަތް ވެގެންދާނެ ރާއްޖޭގެ ޔޫޓިލިޓީ ކުންފުނިތަކަށްވެސް ބޭނުންތެރި މަސައްކަތަކަށް، މިއާއެކު ފެނުގެ ޚިދުމަތް ދިނުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެވި ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެހީތެރިވެދޭނެ " މަތީން ވިދާޅުވިއެވެ.
ކުޅުއްދުއްފުށި ސީޓީގައި ޤާއިމް ކުރެވޭ މި ނިޒާމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިންމާލުމަށް، ދަނީ މަސައްކަތް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް