ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިކަން ހާމަކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި ވަނީ ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.
އަދި މިއަދުގެ މި ހާދިސާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދިވަޑައިގެން ފަހުމީ ވިދާޅުވީ މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަންވެސް އަރުވާކަމަށެވެ.
މާލެ ސަރަހައްދުން މިއަދު 12:30 ކަން ހާއިރު ކަރަންޓު ކެނޑުނީ ކުއްލިއަކަށެވެ. އެއާއެކު ސްޓެލްކޯގެ ޓީމުން ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވެއެވެ.
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާތީ، އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
އަދި، މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް