ތ. ކިނބިދޫ އަދި ތ. ވޭމަންޑޫ ކޯޒްވޭ ތަރައްގީ ކުރާ ބަޔަކަށް ފަތުރުވެރިކަން ތަރައްގީކުރުމަށް އެ އަތޮޅު ފަޅުރަށެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެގޮތުން ކޯޒްވޭ ތަރައްގީކުރާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ ކެލާ އެވެ.
ވުޒާރާއިން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ތަންފީޒުކުރާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް މަޝްރޫޢުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެއެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ވުޒާރާއިން އަންގާފައިވެއެވެ.
ކިނބިދޫ އާއި ވޭމަންޑޫ ގުޅުވާލުމަށް ކޯޒްވޭއެއް އެޅުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނާފައިވާ ކަމެކެވެ. އެގޮތުން، ކޯޒްވޭގެ ޑިޒައިންގެ ފޮޓޯތައް އާންމުކޮށް، ފީޒިބިލިޓީ އެސެސްމަންޓްގެ މަސައްކަތް ނިންމާފައިވީ ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބީ ވަޢުދެއްގެ ގޮތުގައި މި ކޯޒްވޭގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި އިޢުލާނަކީ އެ ވަޢުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ ދެކުނު ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، އަދި ކެލާގައި ފަތުރުވެރިކަން ތަރައްގީވުމާއެކު، އެ ސަރަޙައްދުގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް