އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާންކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކޮށްދިނުމަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ ރައްޔިތުން އެދިފައިވާ ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާގެ އެހީގެ ބަދަލުގައި 2000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ނަމްބަރު އައިނު ހައްދަން އާސަންދަ ދޭ ކަވަރޭޖް 2،000ރ. އަށް ބޮޑުކުރުމާ އެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ފަށްޓަވާ މަސައްކަތެއްކަމަށެވެ.
"ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސްވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން.... މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އާސަންދައިގެ އަގަށް ބަދަލު ގެނައުމުން ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކަށަވަރު ކުރުމަށް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފަށަން ނިންމަވާފައިވާާ ކަމަށާއި އެއަށްފަހު، ޕްރައިވެޓް ވިޔަފާރިތަކަށްވެސް ކޮލިޓީ ރަނގަޅު އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ޞިއްޙީ ދާއިރާ ތަރައްޤީކުރުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. ހަމަ އެއާއެކު، ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަޞީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން މިހާރުވެސް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ ދާއިރާގެ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ ހޮސްޕިޓާތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްވެސް އެ ބަސްދީގަތުމުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ޞިއްޙީ ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށާއި އަދި މާލެސިޓީ ހޮސްޕިޓާތައްވެސް ފެންވަރު ރަނގަޅުކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙަތަށް ކުރެވޭ ހަޤީޤި އިންވެސްޓްމަންޓަކީ ބަލިވުމުގެ ކުރިން ފިޔަވަޅުތައް އެޅުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޕްރިވެންޓިވް ހެލްތުކެއާއަށް އެހާ ސަމާލުކަންދެއްވަނީ މި ސަބަބާހުރެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ޞިއްޙީ ދާއިރާކަމުގައި ރައީސުލްޖުމްހަުރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުން ލިބޭނެ ފައިދާތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް