އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސް މެދުވެރިކޮށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދެއްވާނެކަމަށެވެ. މިއީ ވަރަށް މުހިންމު ވަޢުދެއްކަމަށާއި، އަމިއްލަ ގެދޮރެއް ނެތް ރައްޔިތަކު ނެތްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މިއަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވައި ދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބިން ހިއްކައިގެން މާލެ ސަރަޙައްދުގައި ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ރަސްމާލެ އަންނަނީ ތަރައްޤީކުރަމުންނެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، މާލެ ސިނަމާލެ ހުރި ސަރަޙައްދުގައި 2000 ފްލެޓް، ވިލިމާލޭގައި 500 ފްލެޓް އަދި ހުޅުމާލޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެދަށުން ތަރައްޤީކުރާ 4000 ޔުނިޓް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް