ސަރުކާރުގެ ޢަމާޒަކީ ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ފްލެޓްތައް ނިންމާ ހަވާލުކުރުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވަނީ މާލޭގައި ދިރިއުޅުނު މުއްދަތު ހާމަކޮށްދިނުމުގައި ހުރި ފުށުއެރުންތަކުންކަމަށާއި ޝަކުވާތައް ރިވިއުކުރަމުންދާއިރު، ލިސްޓުގައި ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދާނެކަމަށެވެ. އަދި އެމީހުން ޖަވާބުދާރީވާން ފުރުޞަތެއްވެސް ދޭނެކަމަށް މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކުގެ އެގްރިމަންޓްތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. އަދި ފްލެޓްތައް ނިމެމުންދާވަރަކަށް އެ ފަރާތްތަކާ ފްލެޓްތައް ހަވާލުކުރަމުންދާނެކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކާއި ދެމަފިރިންވެސް ހިމެނެއެވެ. އެގޮތުން، އެ ލިސްޓުގައި ހިމެނޭ 302 ފަރާތަކަށް މިހާރުވެސް މާލެއިން ބޯހިޔާވަހިކަމުގެ ގޮތުގައި ފްލެޓް ލިބިފައިވާ ކަމަށާއި، ފްލެޓް ލިބޭނީ މާލޭގައި އޮތް ބިން ސަރުކާރާ ހަވާލުކުރުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު 305 ފަރާތަކަށް ފްލެޓް ލިބިފައިވާ ކަމަށާއި، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ލިސްޓުގައި ހިމެނޭ 391 ފަރާތަކީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރެއިން ލިބޭނީ އެއް ފަރާތަކަށް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން، އެހެން ކަމުން ދެމަފިރީންނަށް ފްލެޓް ލިބިފައިވާނަމަ އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް